ދިވެހިބަހަކީ ދިވެހިންގެ އަމިއްލަވަންތަ މާދަރީބަސް
ވަހަކަ ދެއްކުމަކީ ކަރުކެހުންހާ ފަސޭހަކަމެއް ނޫނެވެ. އެހެންމީހުން ބަލައިގަންނަ، ޤަބޫލުކުރެވޭފަދަ ވަހަކަތަކެއް ދެއްކުމަށްޓަކައި އެކަށީގެންވާ މިންވަރަކަށް ތައްޔާރުވާން ޖެހެއެވެ. ހިތާއި ސިކުނޑިޔާއި ހަށިގަނޑުގެ އިތުރަށް ބޭރުފުށުން ފެންނަ ފެނުންތައްވެސް ޚާއްޞަ ގޮތަކަށް ތައްޔާރުކުރަން ޖެހެއެވެ. ދައްކަންޖެހޭ ވާހަކަތަކާއި، ވާހަކަދައްކަންޖެހޭ މާޙައުލާއި، މުޚާޠަބު ކުރަންޖެހޭ އޯޑިޔަންސާމެދު ފިކުރުކޮށް އެ އޯޑިއަންސަކާއި، ދައްކަންޖެހޭ ވާހަކައަކަށް ފުރިހަމައަށް ތައްޔާރު ވާންޖެހޭނެއެވެ.
މިދެންނެވި މިންވަރަށް ތައްޔާރު ވެވިއްޖެކަން އަމިއްލަނަފްސަށް ފުރިހަމައަށް ޤަބޫލު ކުރެވިއްޖެނަމަ، ވާހަކަ ދެއްކުމާމެދު އަމިއްލަ ނަފްސަށް އޮތްއިތުބާރު ބޮޑުވެ، ރަނގަޅު ޤަބޫލުކުރެވޭފަދަ ވާހަކަތަކެއް ދެއްކިދާނެކަމީ އެއްވެސް ޝައްކެއްއޮތްކަމެއް ނޫނެވެ. ކޮންމެ ބަޔަކާ ކޮންމެ ތާކުހުރެގެން ވާހަކަދެއްކި ކަމުގައިވިޔަސް، ކޮންމެވެސް މާޤުޞަދެއް އޮންނާނެއެވެ. އެ މަޤްޞަދު ޙާޞިލްކުރެވޭނީ މިދެންނެވި ކަންތައްތަކަށް ސަމާލުކަންދީގެންނެވެ.
ބަޔަކާ މުޚާޠަބުކޮށް ވާހަކަދެއްކުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތައް
ކޮންމެ މީހަކީވެސް ކޮންމެވެސް ބަޔަކާ މުޚާޠަބުކޮށް ވާހަކަދައްކަން ޖެހޭނެ މީހެކެވެ. ކޮންމެ ވަޒީފާއެއް އަދާކުރިޔަސް ކަންއޮތީ މިހެންނެވެ. ބަޔަކާ މުޚާޠަބުކޮށް ވާހަކަދެއްކުމަކީ ކޮންމެ މީހަކަށް ފަސޭހަކަމެއް ނޫނެވެ. ފިޠުރީގޮތުން އެ ހުނަރު ލިބިފައިހުންނަނީ ނިސްބަތުން މަދުބަޔަކަށެވެ. ވީއިރު އެހުނަރާ ބީރައްޓެހި މީހުން ޖެހޭނީ އެހުނަރަށް އަހުލުވެރިވާށެވެ. އެކަމަށް ފަރިތަކުރާށެވެ. ދުރާލާ ތައްޔާރުވާށެވެ. އެހެނީ ރަނގަޅު ވާހަކަދެއްކުންތެރިޔަކީ ދިރިއުޅުމުގެ ދެބައިކުޅަ އެއްބައި ހާސިލްވެފައިވާ މީހެކެވެ (ރޮޖަރ 2011). އަޅުގަނޑުމެން މި ރިޕޯޓު މި އަމާޒުކުރަނީ ބަޔަކާ މުޚާޠަބުކޮށް ވާހަކަދެއްކުމުގައި، ވާހަކަދެއްކުންތެރިޔާ ސަމާލުކަންދޭންޖެހޭ ކަންތައްތަކަށެވެ.
ވާހަކަދެއްކުންތެރިޔާ ސަމާލުކަންދޭންޖެހޭ ކަންތައްތައް.
ވާހަކަދެއްކުންތެރިކަމާބެހޭ މާހިރުން ހާމަކުރައްވާ ގޮތުގައި ވާހަކަދެއްކުންތެރިޔާ ސަމާލުކަންދޭންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުރެއެވެ. މުޙައްމަދު ވަޙީދު ނަދުވީ (2005) ހާމަކުރައްވާގޮތުގައި ވާހަކަދެއްކުންތެރިޔާ މައިގަނޑު 5 ކަމަކަށް ސަމާލުކަން ދޭންޖެހެއެވެ. އެއީ އިތުބާރު ހޯދުމާއި، ބަހުރުވައަށާއި، ޝައުޤުވެރިކަމާއި، މަޢުލޫމާތު ހޯދުމާއި، އަޑާއި ރާގު އަދި ހަރަކާތެވެ. ސްޕީޗް ޑެލިވަރީ (2006) ހާމަކުރައްވާގޮތުގައި ވާހަކަދެއްކުމުގައި މައިގަނޑު ދެވައްތަރެއްގެ ކަންތައްތަކަކަށް ސަމާލުކަން ދޭންޖެހެއެވެ. އެއީ “ފިޒިކަލް ޑެލިވަރީ” އާއި “ވޯކަލް ޑެލިވަރީ” އެވެ. ފިޒިކަލް ޑެލިވަރީއަކީ ހަށިގަނޑު ބަހައްޓާގޮތާއި، ހަށިގަނޑުގެ ހަރަކާތާއި، ލޮލުގެ ހަރަކާތާއި، މޫނުމަތީގެ ހަރަކާތާއި، އަތުގެ ހަރަކާތެވެ. ވޯކަލް ޑެލިވަރީއަކީ ބައެއް ލަފުޒުތަކަށް ބާރުލުމާއި، އަޑުގެ ބާރުމިނާއި، އަޑުގެ ރޭޓެވެ.
އެހުންތެރީންގެ އިތުބާރާއި ޔަޤީންކަން ހޯދުން.
ކޮންމެ ކޮންމެ މީހަކު ދައްކާ ވާހަކައެއް އެހުންތެރިން އަޑެއްނާހާނެއެވެ. އަދި ޤަބޫލެއްވެސް ނުކުރާނެއެވެ. ވީމާ އެންމެ ފުރަތަމަ އެހުންތެރީންގެ އިތުބާރާއި ސަމާލުކަން ހޯދުން ވަރަށް މުހިންމެވެ. އެގޮތުން ވާހަކަދައްކަން ފަށާއިރުވެސް އަމިއްލަ ނަފްސަށް އިތުބާރު އޮންނަންވާނެއެވެ. މިކަން ހާސިލުކުރުމަށް ދުރާލާ ތައްޔާރުވެ، ފަރިތަކުރުމަކީ މުހިންމުކަމެކެވެ (ޓޯސްޓް މާސްޓަރ އިންޓަރނޭޝަނަލް، 2011). އަޑުއަހާމީހުން ސަމާލުކަން އަތުލައިގަތުމަށް ތިމާއަކީވެސް އެމީހުންގެތެރެއިން އެކަކުން އެހުންތެރިންނަށް ޔަޤީންކޮށްދޭން ޖެހޭނެއެވެ. ވާހަކަ ދައްކަންވާނީ ތިމާއަކީ އެމީހުންގެ ގާތް އެކުވެރިއެއްކަމަށް ހީވާކަހަލަ ގޮތަކަށެވެ. މުޙައްމަދު ވަޙީދު ނަދުވީ (2005) ހާމަކުރައްވާ ގޮތުގައި ވާހަކަދެއްކުންތެރިޔާ އަޅައިގެންހުންނަ ހެދުމުންނާއި މޫނުމަތީގެ ކުލަވަރުންނާއި ގެންގުޅޭ ސިފަތަކުން، ތިމާއަކީ ބޮޑާ ކިބުރުވެރި މީހެއްކަން ހާމަވާނަމަ އެހުންތެރިން ތިމާ ބަލައެއް ނުގަންނާނެއެވެ. އެހެންކަމުން އެހުންތެރީންގެ އިތުބާރު ހޯދުމަށް ބަޔާންކުރެވުނު ސިފަތަކުން ދުރުވެގަންނާން ޖެހޭނެއެވެ.
ބަސްމަގާއި ބަހުރުވަ ޚިޔާރުކުރުން
އަޑުއަހަންތިބި މީހުންގެ ތެރޭގައި ތިބޭނީ އެކި ފެންވަރުގެ މީހުންނެވެ. އެކިމީހުނަށް ފަހުމްވާނީ އެކިވަރަށެވެ. އެހެންކަމުން ތިމާ ދައްކާ ވާހަކަ އަޑުއަަހަން ތިބި އެންމެނަށްވެސް ފަހުމްވާފަދަ ބަހުރުވައަކާއި ބަސްމަގެއް ހިޔާރުކުރުމަކީ ވަރަށް މުހިންމުކަމެކެވެ. ނަމަވެސް ދަރަޖަތަކަށް ސަމާލުވާންވެސް ޖެހޭނެއެވެ. އިބާރާތްތައް ހުންނަންވާނީ މާދިގުނޫން ގޮތަކަށް ވަރަށް ސާދާކޮށެވެ (މުޙައްމަދު ނަޝީދު، 2003). ނޫންނަމަ ވާހަކަ ދެއްކޭ ބަހުރުވައަކުން ނުވަތަ ބަސްމަގަކުން އެހުންތެރިންނަށް ފަހުމްވާ މިންވަރު ކުޑަވެދާނެއެވެ. މިސާލަކަށް، އައްޑޫ ބަހުރުވަ ނޭނގޭ ބައެއްގެ ކުރިމަތީގައި އެފަދަ ބަހުރުވައަކުން ވާހަކަދެއްކުން، ނުވަތަ އާދައިގެ ރައްޔިތެއްގެ ކުރިމަތީގައި ޓެކްނިކަލް ޓާމްތަކާއި ޖާގަންތައް ބޭނުންކުރުމުން އެދައްކާ ވާހަކައެއްގެ ބޮޑު އިންސައްތައެއް އަޑުއަހާން ތިބި ގިނަ މީހުނަށް ދޭހައެއް ނުވާނެއެވެ ( ޢަބްދުﷲ ނަޢީމް އިބްރާހީމް 1998). ދައްކާވާހަކަ އެހުންތެރީނަށް ރަނގަޅަށް އޮޅުންފިލުވައިދިނުމަކީ ވެސް ވާހާކަދައްކާ މީހާ ކޮންމެހެން ކުރަން ޖެހޭނޭ ކަމެކެވެ. މުޙައްމަދު ޤާސިމް (2009) ހާމަކުރައްވާ ގޮތުގައި އޮޅުންފިލުވައިދޭއިރު 3 ކަމެއް އޮޅުންފިލުވައިދޭން ޖެހޭނެއެވެ. އެއީ ކޮންއެއްޗެއްކަން، ކިހިނެއްކަން، ކީއްވެގެކަން އޮޅުންފިލުވައިދިނުމެވެ.
ޝައުޤުވެރިކަން ދެމެހެއްޓުން.
ބައެއްމީހުން ވާހަދައްކާއިރު އަޑުއަހާން ވަރަށް ފޫހިވެއެވެ. އެހެންކަމުން އެހުންތެރީން ފޫހިނުވާނޭ ގޮތަކަށް ވާހަކަދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ. މުޙައްމަދު ވަޙީދު ނަދުވީ (2005) ބަޔާންކުރައްވާގޮތުގައި ވާހަކަދެއްކުންތެރިޔާ ވާހަކަދައްކާން ފެށީއްސުރެ ނިމެންދެން، އެހުންތެރީން ޝައުޤުވެރިކުރުވުމަކީ ވާހަކަދެއްކުންތެރިޔާގެ ކިބައިގައި ހުންނާންޖެހޭ ވަރަށް މުހިންމު ސިފައެކެވެ. އެކި މީހުން ޝައުޤުވެރިވާނީ އެކި މައުޟޫޢުތަކަށެވެ. އެކަކަށް ވަރަށް ޝައުޤުވެރި މައުޟޫއެއް އަނެކަކަށް ފޫހިވެ ނިދިއަންނަ މައުޟޫއަކަށް ވެދާނެއެވެ. ނަމަވެސް ކޮންމެ މައުޟޫޢެއްވެސް ޝައުޤުވެރިގޮތަކަށް ހުށައަޅައިދެވިދާނެއެވެ. މާގްރެޓް ތެޗަރ (1980) ހާމަކުރައްވާ ގޮތުގައި ވާހަކައިގެ ތެރޭގައި ކުދިކުދި ޖޯކް، ހިނިއަންނަފަދަ އިބާރާތް، އެފަދަ މިސާލުތައް ބޭނުންކުރުމަކީ އެހުންތެރިން ޝައުޤުވެރިވެ ސަމާލުކަން އިތުރުވާނޭ ކަމެކެވެ. ބުނަންބޭނުންވާ ވާހަކައެއް ވީހާވެސް ކުރުކޮށް ފޮނިކޮށް ބުނުމާއި، ގިނަ މިސާލުތަކާއި ހެއްވާގޮތް ބޭނުންކުރުމަކީ އެހުންތެރިން ޝައުގުވެރިވާނޭ ކަމެއްކަމަށް މުޙައްމަދު ވަހީދު ނަދުވީ (2005) ހާމަކުރައްވައެވެ.
މަޢުލޫމާތު ހޯދުން.
ވާހަކަދައްކަން ފެށުމުގެ ކުރިން ވާހަކަދައްކަންޖެހޭ މައުޟޫޢު ރަނގަޅަށް ދިރާސާކޮށް އެ މައުޟޫއާ ގުޅުންހުރި މަޢުލޫމާތުތައް ހޯދައި ރަނގަޅަށް ރާވާލުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއަދު މިއީ މާ އުދަނގޫ ކަމެއް ނޫނެވެ. ބޭނުން ކޮންމެ ކަމަކާ ގުޅޭ ގޮތުން މަޢުލޫމާތު އިންޓަރނެޓްގެ އެހީގައި ފަސޭހައިން ލިބެއެވެ. ކަންމިހެން އޮތްނަމަވެސް ސަމާލުކަންދޭންވީ ކަމަކީ މައުޟޫޢާ ވީހާވެސް ބޮޑަކަށް ގުޅޭ، ތެދު މަޢުލޫމާތު ހޯދުމެވެ. ސަބަބަކީ އިންޓަރނެޓްގައި ހުންނަ ހުރިހާ މަޢުލޫމާތަކީ އެއްވެސް ބުރަދަނެއް ހުންނަ މަޢުލޫމާތުތަކަކަށް ނުވާތީއެވެ. އެހެންކަމުން ޞައްޙަ ތެދު މަޢުލޫމާތު ހޯދައި ، އެމަޢުލޫމާތުތައް ހުށައަޅައިދޭނޭ ރަނގަޅު ތަރުތީބަކުން އަތުރާލަން ޖެހޭނެއެވެ. މަޢުޟޫޢާ ގުޅޭގޮތުން ޕޮއިންޓްތަކެއް ނޯޓްކޮށް ހޯދި މަޢުލޫމާތުތައް އެޕޮއިންޓްތަކުގެ ދަށަށް ބަހައިލުމަކީވެސް އެހުންތެރިންނަށް އޮޅުންއެރުން ދުރުކޮށްދޭނޭ ކަމެއްކަމަށް މުޙައްމަދު ނަޝީދު (2009) ހާމަކުރައްވައެވެ. ވާހަކަދެއްކުމެއްގައި ނަމަވެސް މީހުންގެ މަޢުލުމާތުތައް ހުށައަޅަންވާނީ އެ މަޢުލޫމާތުގެ ވެރިންނަށް ހަވާލާދީގެންނެވެ. އެހެންނޫނީ ވާނީ ފޮށިފަޅައިގެން ވާހަކަދެއްކުމަށެވެ.
އަޑު، ރާގު، ހަރަކާތް.
އެންމެންގެ އަޑަކީ ރީތި އަޑަކަށް ނުވެދާނެއެވެ. ކިތައްމެ ރީތި އަޑެއްގެ ވެރިއެއްނަމަވެސް އެހުންތެރިންގެ ޝައުޤު ހިފެހެއްޓުމަށާއި، ފަސޭހައިން ދޭހަކުރުވުމަށް އަޑަށް ބަދަލުގެނައުމަކީ ވަރަށް މުހިންމުކަމެކެވެ. އެގޮތުން ރާގަށާއި، ވޭރިއޭޝަނަށާއި، ޕިޗަށާއި، ޕޯސް ގެނައުމަށްވެސް ބަލަންޖެހޭނެއެވެ (ރޮޖަރ، 2013).
ރާގަކީ ދެމުންތަކެވެ. ވޭރިއޭޝަނަކީ އަޑު ބާރުކޮށް މަޑުކުރުމެވެ. ޕިޗަކީ އަޑުގެ ތޫލިކަމެވެ. ޕޯސް އަކީ މަޑުޖައްސާލުމާއި ހުއްޓާލުމެވެ (ރޮޖަރ، 2013). ބަޔާންކުރެވުނު ހުރިހާ ކަންތައްތަކަކީވެސް ވާހަކަދެއްކުންތެރިޔާ ސަމާލުކަންދޭންޖެހޭ ކަންތައްތަކަކެވެ.
ވާހަކަދައްކާއިރު ހަރަކާތް ގެންގުޅުމުގައިވެސް ސަމާލުކަންދޭންޖެހެއެވެ. އެއީ ދައްކާ ވާހަކަޔާ ގުޅޭ ހަރަކާތް ބޭނުންކުރުމަށާއި، މޫނުމައްޗަށާއި ހަށިގަނޑަށް ހަރަކާތްގެންނައިރު ޤަބޫލުކުރެވޭ ފަދަ “ރިއަލިސްޓިކް” ހަރަކާތެއް ގެނައުމަށެވެ.
ވާހަކަދެއްކުމަށް ތައްޔާރުވުމާއި ފަރިތަކުރުން
ވާހަކަދެއްކުމުގެ ކުރީން ރަނގަޅަށް ފަރިތަކުރުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ދުނިޔޭގެ މަޝްހޫރު ވާހަކަދެއްކުންތެރިންވެސް ވާހަކަދައްކަންޖެހޭ މައިދާނަށް ހާޟިރުވުމުގެކުރިން ރަނގަޅަށް “ސްޕީޗް” ފަރިތަކުރެއެވެ. ރޮޖަރ (2013) ހާމަކުރައްވާގޮތުގައި ދުނިޔޭގެ މަޝްހޫރު ވާހަކަދެއްކުންތެރިންގެ ތެރެއިންވެސް ފާހަގަކޮށްލެވޭ ކިޔުބާގެ ރައީސް ފިޑަލްކާސްޓްރޯ، މަހަތުމާގާނދީ، އިބްރާހީމް ޝިހާބު ފަދަ ބޭފުޅުންވެސް “ސްޕީޗް” ދިނުމުގެ ކުރިން ރަނގަޅަށް ފަރިތަކުރައްވައެވެ. އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމަކީ، އެންމެންވެސް އިއްތިފާޤުވާ ކުޅަދާނަ ވާހަކަދެއްކުންތެރިއެކެވެ. އެބޭފުޅާވެސް ވާހަކަދެއްކުމަށް ވަރަށް ރަނގަޅަށް ތައްޔާރުވެއެވެ. މަޢުލޫމާތު މުރާޖާކުރައްވައި، ޕޮއިންޓް ނޯޓްކުރައްވައި، ޕޮއިންޓްތައް ތަރުތީބުކުރައްވައެވެ. މިކަމުން ދޭހަވަނީ ކޮންމެ ފެންވަރެއްގެ މިހަކަށް ވިޔަސް، ކިތަންމެ ކުޅާދާނަ މީހަކަށްވިޔަސް، ރަނގަޅަށް ފުރިހަމައަށް ވާހަކަދެއްކުމަށްޓަކައި ދުރާލާ ތައްޔާރުވާން ޖެހޭކަމެވެ.
ވާހަކަދެއްކުމަށް ތައްޔާރުވާއިރު ނުވަ ޕީ އަށް ސަމާލުވުމަކީ މުހިންމުކަމެކެވެ. އެއީ “ޕްރިއަރ، ޕްރޮޕަރ، ޕްރިޕަރޭޝަން، ޕްރިވެންޓްސް، ޕުއަރ، ޕާފޯމޭން އޮފް ދަ ޕަރސަން ޕުޓިންގ އޮންދަ ޕްރިޕަރޭޝަން އެވެ (އަޙުމަދު މައުސޫމް 2010). އަދި މީގެ އިތުރުން ވާހަކަދައްކަންޖެހޭ ތަނާއި، އަޑުއަހަންތިބޭ މީހުންނާއި، އޯޑިއަންސްގެ ބޮޑު، ކުޑަ މިނަށްވެސް ވާހަކަދައްކަން ފެށުމުގެ ކުރިން ބަލައިލަން ޖެހޭނެއެވެ.
ވާހަކައިގެ ދިގުމިން ކަނޑައެޅުން
ވާހަކަ މާބޮޑަށް ދިގުކުރުމަކީ ރަނގަޅުކަމެއް ނޫނެވެ. އެހެނީ އެވްރެޖް ގޮތެއްގައި އިންސާނެއްގެ ސަމާލުކަން އެއްކަމެއްގައި ހުންނާނީ އެންމެގިނަވެގެން 15 މިނެޓް ވަންދެނެވެ. ވީމާ 10 މިނެޓަށްވުރެ ވާހަކަ ދިގުކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ (މުޙައްމަދު ނަޝީދު 2003). …. އަދި 15 މިނެޓަށްވުރެ ދިގު ތަޤުރިރެއްދޭނަމަ ކޮންމެ 15 މިނެޓަކުން ވާހަކައިގެ ރަހައާއި ޝައުޤު ބަދަލުކުރުމަކީ ވަރަށް މުހިންމުކަމެކެވެ. އެހެންކަމުން ވާހަކަދެއްކުމުގައި “ކިސް” މެތަޑް ގެންގުޅުމަށް ވާހަކަދެއްކުމުގެ ފުންނާބުއުސް ބޭފުޅުން ހާމަކުރައްވައެވެ. އެއީ ކީޕް އިޓް ޝޯޓް އެންޑް ސްވީޓް، މިއެވެ.
ހެދުންއެޅުން
ކުރިންވެސް އިޝާރާތްކުރި ފަދައިން، ވާހަކަދައްކާ މީހާ ހެދުންއެޅުމުގައިވެސް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެއެވެ. އެގޮތުން ސާފުތާހިރުކަމަށާއި، މާހައުލާގުޅޭ ހެދުމެއް އިޚްތިޔާރު ކުރުމަށާއި، ރީއްޗަށް އިސްތިރިކޮށްފައިވާ ހެދުމަކަށް ވާންޖެހޭނެއެވެ. އަދި ރީއްޗަށް ފެންވަރައި، ނަލަވެގެން ހުރުމަށް ސަމާލުކަންދޭން ވާނެއެވެ. ރަސްމީ ޖަލްސާތަކުގައި ކޯޓްފަޓްލޫނު ލާންޖެހޭނަމަ، ޓައީގެ ބާރުމިނަށްވެސް ވިސްނަންވާނެއެވެ. އެއީ، އަޅާފައިވާޓައީ، ކަރަށް މާބޮޑަށްވާންވުމާއި ލައިގެންހުންނަ ހެދުމުގެ ސަބަބުންވެސް ވާހަކަދެއްކުމަށް އުދަނގޫތަކެއް ކުރިމަތިވެދާނެތީއެވެ. ވާހަކަދައްކާ މީހާގެ ހެދުން ފުރިހަމަވާނީ އޭނާގެ އަތުގައި ކުޑަވަރެއްގެ ނޯޓުފޮތަކާއި ރަނގަޅަށް ދެލިހިނގާ ގަލަމެއްވެސް އޮވެގެންނެވެ. އެއީ އެވަގުތު އެތަނުގައި ފާހަގަކޮށްލެވޭ ބޮޑުކަމެއް ހިނގައިފިނަމަ އެކަމެއް ނޯޓުކޮށް ވާހަކަދެއްކުމުގެ ތެރޭގައި އެކަން ފާހަގަކުރުމުގެ ގޮތުންނެވެ.
ދައްކާނެ ވާހަކަ ރާވާލުމާއި ދެއްކި ވާހަކަ ވަޒަންކުރުން.
ދައްކާނެ ހުރިހާ ވާހަކަތައް، ދައްކަންވީ އިބާރާތުން ލިޔުމަކީ ރަނގަޅުކަމެއް ނޫނެވެ. ނަމަވެސް “އައުޓްލައިނެއް” ތައްޔާރުކުރުމަކީ ދައްކާ ވާހަކަ ކާމިޔާބުކުރުމަށް ވަރަށް މުހިންމު ކަމެކެވެ. އެ އައުޓްލައިންގައި މަޤްޞަދާއި، މަޤްޞަދު ޙާޞިލްކުރުމަށް ހިމަނާލާނެ ޕޮއިންޓްތަކާއި، އެކަންތައްތައް ސާބިތުކުރުމަށް ހުށައަޅާނެ ހެކިތަކާއި، މިސާލުތައްވެސް ހިމަނަންވާނެއެވެ. ވާހަކަދައްކަން ފަށާއިރު އެހުންތެރިންގެ ސަމާލުކަން ހޯދުމަށްފަހު މަޤްޞަދު ބަޔާންކުރުމަކީ އެހުންތެރިންނަށް ، ވާހަކަދެއްކުންތެރިޔާގެ މިސްރާބުއެނގި، ވާހަކައަށް ސަމާލުކަންދިނުމަށް ފަސޭހަވެގެންދާނޭ ކަމެކެވެ (ޓޯސްޓް މާސްޓަރ އިންޓަރނޭޝަނަލް 2013).
މީގެ އިތުރުން ދެއްކިވާހަކަ ވަޒަންކުރުމަކީވެސް ވަރަށްމުހިންމު ކަމެކެވެ. އެއީ ދެވަނަ ފަހަރަށް ރަނގަޅުކުރަންޖެހޭ ކަންތައްތައް ދެނެގަތުމަށް އެޅޭފިޔަވަޅެކެވެ. އެގޮތުން ވަޒަންކުރާނޭ ފޯމެއް ތައްޔާރުކޮށްފައި ބޭއްވުމާއި ، ވާހަކަދެއްކުން ނިމުމާއެކު މާ ގިނައިރު ނުކޮށް ފޯމްފުރައި އަމިއްލައަށް “އިވެލުއޭޓް” ކުރަން ޖެހޭނެއެވެ. މަޤްޞަދު ޙާޞިލްވި މިންވަރާއި، ފެށުން ރަނގަޅުތޯ އާއި، އެކަށީގެންވާ ހެކި ހުށައެޅުނުތޯއާއި، އައުޓްލައިނާ އެއްގޮތަށް ވާހަކަދެއްކުންތޯއާއި، ނިންމުން ގެނެވުނުގޮތަށް އިވެލުއޭޝަން ފޯމުގައި ބަލައިލަންވާނޭ ކަމަށް، ޓޯސްޓް މާސްޓަރ އިންޓަރނޭޝަނަލް ހާމަކުރައްވައެވެ. އަދި އެހުންތެރީންކުރެ އޮޅުންފިލުވައިގެން، ޝައުޤުވެރިކަންހުރި މިންވަރާއި، އަޑުގެންގުޅެވުނުގޮތް ފަދަ ކަންތައްތައްވެސް ވަޒަންކޮށްލުމަކީ، އެއްފަހަރަށްވުރެ އަނެއްފަހަރު ރަނގަޅުކުރުމަށް ކޮށޭމަގެކެވެ.
ބިރުގަތުމާއި ހާސްވުމުން ސަލާމަތްވުން.
ކިތައްމެ ރަނގަޅަށް ތައްޔާރުވި ނަމަވެސް، އެހުންތެރިންނާ ކުރިމަތިލުމުން ބިރުގަނެ ހާސްވުމަކީ ވަރަށްގިނަ މީހުންނަށް ކުރިމަތިވާ މައްސަލައެކެވެ. އެކަމުގެ ސަބަބުން ، ވާހަކަދެއްކުމަށް ރޭވިގޮތަށް ވާހަދެއްކުމަށް އުޒުރުވެރިވެއެވެ. އަދި ވާހަކައިގެ މަޤްޞަދު ހާސިލްނުވެ، ލަނޑުދަނޑިއަށް ވާސިލުވުމަށްވެސް ހުރަސްތަކެއް ކުރިމަތިވެއެވެ. އޯޑިއަންސް އެމީހަކާމެދު ދެކޭގޮތްވެސް ބަދަލުވާ ފަހަރު އާދެއެވެ. އެހެންކަމުން މިކަމަށް ދުރާލާތައްޔާރުވެ، އެކަމުން ސަލާމަތްވުމަށް ފިޔަވަޅުއެޅުމަކީ ވަރަށް މުހިންމު ކަމެކެވެ. އެގޮތުން ކުރެވިދާނެ ކަންތައްތަކަކީ:
ތިމާ ބިރުގަނެ ހާސްވަނީ ކޮންކަމެއްގެ ސަބަބުންތޯ ބަލައި އެކަންތައްތައް ލިސްޓު ކުރާށެވެ. ދެން އެކަންތަކުން ސަލާމަތްވުމަށް ކުރާކަންތައްތައްވެސް އެކަންތައްތަކާ ގުޅުވައިގެން ލިސްޓްކުރާށެވެ. ތިމާ ހާސްވާކަމެއް މެދުވެރިވާއިރަށް އެކަމުގެހައްލުގެ ގޮތުގައި ނޯޓްކުރި ކަންތައްތައް ބަލާށެވެ. ނުވަތަ ހިތަށް އަރުވާށެވެ. ފަހަރެއްގައި ވަރަށް ހެއްވާ ކަންތައްތައްވެސް، ހައްލުގެ ގޮތުގައި ހުރުން އެކަށީގެންވެއެވެ.
ހާސްވާގޮތްވަނީ ނޭވާލާން އުދަނގޫ ވީމައެވެ. އެހެންކަމުން މިކަމުން ސަލާމަތްވުމަށް ނޭވާލާ މިންވަރު އެއްވަރެއްގައި ހިފެހެއްޓޭތޯބެލުން ވަރަށް މުހިންމެވެ. ޑޮކްޓަރ އަޙުމަދު ރާޒީ ވިދާޅުވާގޮތުގައި ހާސްވާގޮތްވާނަމަ ފުންކޮށް ނޭވާލެވޭތޯ މަސައްކަތްކުރާށެވެ. އެހެންކަމުން ވާހަކަ ދެއްކުމަށް ޕޯޑިއަމްކައިރީ ހުންނައިރުވެސް ފުންކޮން ނޭވާލާށެވެ. އޭރުން ހާސްވުމުން ސަލާމަތްވާނެއެވެ.
ގިނަފަހަރަށް ވާހަކަދައްކަން ޖެހެނީ، ވަރަށް ގިނައިރު ގޮނޑީގައި އިނުމަށް ފަހުއެވެ. އެހެނީ ޖަލްސާތަކުގައި ތިމާއަށްވުރެ ކުރިން ގިނަމީހުން ވާހަކަދައްކާތީއެވެ. އެހެންކަމުން ތިމާ ވާހަކަދައްކަން ޖެހޭއިރު ހަށިގަނޑު ހުންނަނީ ކަންނެތްވެފައެވެ. ވީމާ ތިމާ ވާހަކަދައްކަން ޖެހުމުގެ ކުޑަ އިރުކޮޅެއްކުރިން ކޮންމެވެސް ވަރަކަށް ހަށިގަނޑު ދަމާލައި (ހިންދެމިލައި) ކުދި ކަސްރަތުކޮށްލުން ވަރަށްމުހިންމެވެ. އެއީ ހަށިގަނޑާއި ސިކުނޑިވެސް ވާހަކަދެއްކުމަށް ތައްޔާރުކޮށް، ތާޒާކޮށްލުމަށެވެ. އެންމެ ރަނގަޅީ އިށީނދެއިން ގޮނޑިންވެސް ތެދުވެ، ހިނގާލުމާއި، ފާހާނާކޮށްލުމާއި ފެންބުއިންފަދަ ކަންތައްތައްވެސް ކޮށްލުމެވެ.
ރަނގަޅަށް ނިދުމާއި ރަނގަޅު ނާސްތާއެއް ކުރުމަކީވެސް، ހާސްވުމާއި ބިރުގަތުމުން ސަލާމަތްވުމަށް އެޅޭ ފިޔަވަޅެކެވެ. އެހެނީ ރަނގަޅަށް ނިދި ނުލިބުމާއި، ބަނޑުހައިވެފައި ހުރުމަކީވެސް ހަށިގަނޑަށް ލޮޑުކަމާއި ކަންނެތްކަން ވެރިކުރުވާނޭ ކަމެކެވެ. އަޙުމަދު ރާޒީ ހާމަކުރައްވާ ގޮތުގައި، ބަނޑުހައިހޫނުކަމުގައި ހުރުމާއި، ރަނގަޅަށް ނުނިދާހުރުމަކީ، ހަށިގަނޑު ކަންނެތްވެ، ރަނގަޅަށް ވިސްނަންވެސް އުދަނގޫވާނޭ ކަމެކެވެ. ހަމަ އެފަދައިން ކަމަކަށް ސަމާލުކަން ދިނުމަށްވެސް ސިކުނޑި ނުކުޅެދޭނޭ ކަމެކެވެ.
ވާހަކަދައްކަން ހަމަޖެހިފައިވާ މާލަމަށް ، ވަގުތުޖެހުމުގެ ފަނަރަވަރަކަށް މިނެޓްކުރިން ދިޔުމަކީވެސް ހާސްވުމާއި ބިރުގަތުމުން އެއްކިބާވާނޭ ކަމެކެވެ. ތަނުގެ އިމާރާތާއި ، ފަރުނީޗަރތައްވެސް ކުރިން ފެނިފައިހުރުމުން އެ މާހައުލަކާއޮތް ބީރައްޓެހިކަން ދުރުކޮށްދޭނޭ ކަމަށް ސެންޓަރ ފޮރ ޓީޗިންގ އެންޑް ލަރނިންގ(އނ) ހާމަކުރައްވައެވެ.
ރަނގަޅުގޮތަށް (ޕޮޒިޓިވްކޮށް) ވިސްނާށެވެ. ނުވާނެއޭ، ނުކުރެވޭނެއޭ، ނުކެރޭނެއޭ ހީކުރުމުގެ ބަދަލުގައި ވާނެ، ކުރެވޭނެ، ކުރާނަން މިފަދަގޮތަކަށް އަމިއްލަ ނަފްސަށް ޔަޤީނަކަން ބާއްވާށެވެ (ސްޕީކިންގ އެންޒައިޓީ، އނ).
އިތުރަށް ސަމާލުކަން ދޭންޖެހޭ ބައެއް ކަންތައްތައް.
ތިމާގެ މޫނަކީ އޯޑިއަންސަށް ވަރަށް މުހިންމު އެއްޗެކެވެ. މޫނުގެ ރީތިކަން އެންމެބޮޑަށް ގެނެސްދޭނީ ހިނިތުންވުމުންނެވެ. ވާހަކަދައްކަން ފެށުމުގެ ކުރިންނާއި، ވާހަކަދެއްކުމުގެ ތެރެއިން ހިނިތުންވުމަކީ ތިމާގެ އަމިއްލަނަފްސަށް އޮންނަ އިތުބާރުބޮޑުވެ، ތިމާގެ ވާހަކައަށް އެހުންތެރިން ޝައުޤުވެރިވާނޭ ކަމެކެވެ (ޖޭމްސް އެލް ހޯޓޮން، 2005).
ހަމައެފަދައިން ލޮލުގެ ހަރަކާތްވެސް އެހާމުހިންމެވެ. އެއީ އޯޑިއެންސްގެ އެއްދިމާއަކަށް ބެލުމާއި، އެއްވެސް ދިމާއަކަަށް ނުބަލައި އިސްޖަހައިގެން ހުރުމުގެ ސަބަބުން އަޑުއަހާ މީހުން ވާހަކަދައްކަން ހުންނަ މީހާ މާ ބޮޑަކަށް ބަލައެއް ނުގަންނާނެއެވެ. އެހެންކަމުން މުޅި އޯޑިއަންސް ސަމާލުކަން ހޯދުމާއި ގާތްގުޅުމެއް އުފެއްދުމަށްޓަކައި އޯޑިއަންސްގެ ހުރިހާ ދިމާއަކަށް ބެލުން މުހިންމެވެ. ހަމަ އެހެންމެ އަވަސް އަވަހަށް ލޯމެރުން ނުވަތަ އެސްފިޔަ ޖެހުންފަދަ ކަންކަމަށްވެސް ސަމާލުކަން ދޭންޖެހޭނެއެވެ. އެހެނީ ލޮލުން ކުރެވޭ ހަރަކާތްތަކަކީ އެ ހަރަކާތްތަކުން އޯޑިއަންސްގައި ތިބޭ މީހުންނަށް ވެސް މެސެޖުތަކެއްދެވޭތީއެވެ.
އަތާއި ހަށިގަނޑުގެ ހަރަކާތަކީވެސް ކާމިޔާބު “ސްޕީޗެއް” ދިނުމުގައި މުހިންމު ކަމެކެވެ. އެހެންކަމުން ތިމާ ދައްކާ ވާހަކައަކާ ގުޅޭގޮތަށް ތިމާގެ އަތުގެ ހަރަކާތް ގެންގުޅުމަށް ސަމާލުކަން ދޭންވާނެއެވެ. މީގެ އިތުރުން ހަށިގަނޑުގެ ހަރަކާތަކީވެސް މުހިންމު އެއްޗެކެވެ. ތިމާ ކޮޅަށް ހުއްޓިހުން ގޮތާއި ހަށިގަނޑަށް ގެންނަ ހަރަކާތްތަށް “އޮޑް” ނުވާނޭހެން ގެންގުޅުމަށް ސަމާލުކަން ދޭންވާނެއެވެ. ޕޯޑިޔަމް މަތީގައި ހުންނަ އެއްޗިއްސާ ކުޅުމާއި، އިރުއިރުކޮޅުން މޫނު ކަހާލުމާއި، ބޯ ކަހާލުމާއި، މައިކް ހެޔޮވަރުކޮށްލުމާއި، އައިނު ނަގައި އައިނު އެޅުމާއި، ޖީބަށް އަތްޖެހުންފަދަ ކަންތައްތަކަކީ ވާހަކަދައްކަން ހުންނަމީހާ ކުރުން އެހާރަނގަޅު ކަންތަކެއް ނޫނެވެ. އެފަދަ ކަންތައްތަކުގެ ސަބަބުން ދައްކާވާހަކައަށްވެސް އަސަރުކުރާނެއެވެ.
އަދި މީގެއިތުރުން ވާހަކަދައްކާމީހާގެ ކޮންމެޙަރަކާތަކީވެސް އަޑުއެހުންތެރިން ސަމާލުކަން ދޭނެ ކަންތަކެވެ. އެހެންކަމުން އަޑުއެހުންތެރިން، ވާހަކަދައްކާމީހާގެ ފަރާތުން އުއްމީދު ނުކުރާނެ އެންމެހައި ކަންތައްތަކުން ދުރުވުމަކީ ކޮންމެހެން ބޭނުންކަމެކެވެ. މިސާލެއްގެ ގޮތުން ހެދުން ރީތިކުރުމާއި، ބޯރީތި ކުރުމާއި ޓައީއާ އެހެން ތަކެއްޗާ ކުޅުންފަދަ ބޭކާރުކަންތައްތަކުން ސަލާމަތް ވާންވާނެއެވެ.
ނިންމުން
ވާހަކަދެއްކުމަކީ ކޮންމެ މީހަކު ވެސް ކުރަންޖެހޭ ކަމެއް ކަމަށް ވީއިރު ވާހަކަދައްކާނެ ރަނގަޅުގޮތްތައް އެނގުމަކީ ބޭނުންތެރި މުހިންމު ކަމެކެވެ. ޖަމާޢަތުގައި ތިމާގެ ގަދަރާއި އިއްޒަތް އުފުލި، މީސްތަކުންގެ ތެރޭގައި މަގުބޫލު މީހަކަށްވުމަށް ވާހަކަދެއްކުންތެރިކަމަކީ މީހާގެ ކިބައިގައި އަށަގަންނަވަންޖެހޭ ކަމެކެވެ. ދަސްކުރަންޖެހޭ ކަމެކެވެ. މިފަދަ މަޢުލޫމަތުތަކުގެ އަލީގައި އެކަމަށް އެންމެފުރިހަމައަށް ތައްޔާރުވުމަަކީ ނުކުރެވޭނެ ކަމެއްނޫނެވެ. އެހެންކަމުން ވާހަކަދައްކާއިރު ވާހަކަދެއްކުންތެރިޔާ ވަރަށްގިނަ ކަންކަމަށް ސަމާލުކަންދޭން އެބަ ޖެހެއެވެ. ވާހަކަދައްކަން ބަޔަކާއި ކުރިމަތިލާއިރު އެހުންތެރީންގެ ކިބައިން އިތުބާރާއި ޔަޤީންކަން ހޯދުމާއި، އޯޑިއަންސްއާއި ގުޅޭ ބަސްމަގެއް ޚިޔާރުކުރަންޖެހެއެވެ. ހަމަ އެހެންމެ އަޑުއަހާމީހުން ޝައުޤުވެރިވާފަދަ ގޮތަކަށް ވާހަކަ ކުރިއަށް ގެންދިއުމަށް ސަމާލުކަން ދޭންޖެހެއެވެ. މިގޮތުން އޯޑިއަންސް ހެއްވާލުން ކަހަލަ އުކުޅުތައް ބޭނުން ކުރެވިދާނެއެވެ. ވާހަކަދައްކަންފެށުމުގެ ކުރިން އެ ދައްކާ ވާހަކައަކާއިގުޅޭ މަޢުލޫމާތު އެއްކޮށް ތައްޔާރުވާން ޖެހޭނެއެވެ. އަދި ބޭނުންވާ ވަރަށް މަޢުލޫމާތު ހޯދުމަށް ޓަކައި ދިރާސާކުރުން މުހިންމުވާނެއެވެ.
ރިފަރެންސް
ސެންޓަރ ފޮރ ޓީޗިންގ އެންޑް ލަރނިންގ. (2013). އޯވަރ ކަމިންގ ސްޕީޗް އެންޒައިޓީ. ނެގީ:
ސްޕީޗް ޑެލިވަރީ. (އނ). ނެގީ:
މުޙައްމަދު ނަޝީދު. ( ). ވާހަކަދެއްކުންތެރިކަން. ފަތްތޫރަ(213). ޞ46.
ޢަބްދުﷲ ނަޢީމް އިބްރާހީމް ( ). ވާހަކަދެއްކުންތެރިޔާ. ފަތްތޫރަ. (210). ޞ.2
ރޮޖަރ. (2013). ހައު ޓު މޭކް އަ ގުޑް ސްޕީޗް. ނެގީ:
ޖޭމްސް އެލް ހޯޓޮން. (2005). އަ ގުޑް ސްޕީޗް.