ދިވެހިބަހަކީ ދިވެހިންގެ އަމިއްލަވަންތަ މާދަރީބަސް
﷽
ހަމްދާއި ޝުކުުރުކުރަނީ ޢާލަމްތަކުގެ ވެރި ﷲ ސުބުހާނަހޫ ވަތައާލާއަށް. ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާ ކުރަނީ މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމައަށް. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭފާނުގެ އާލުންނާއި އަސްހާބުން ޝާމިލުކުރަން.
އިންސާފުވެރި ފަނޑިޔާރުން. ވަޑައިގެން ތިއްބެވި އެންމެހާ ހާޒިރީން. ލޮބުވެތި މުދައްރިސުނާ ބެލެނިވެރިން. އަދި އަޅުގަނޑެކޭ އެއްފަދަ ކިޔަވާކުދިން.
އައްސަލާމް އަލައިކުމް ވަރަހްމަތުﷲ ވަބަރަކާތު.
ދިވެހި ރާއްޖެއަކީ ނިސްބަތުން ކިތަންމެ ކުޑަ ޤައުމެއް ކަމުގައި ވީނަމަވެސް، އެހެން ބޮޑެތި ގައުމުތަކަށް ގޮންޖަހާ ލެވޭފަދަ އަގުބޮޑު ޖަވާހިރެއް ލިބިގެންވާ ގައުމެއް. މި ދެންނެވި އަގުބޮޑު ޖަވާހިރަކީ އަޅުގަނޑުމެންގެ މާދަރީބަސް. ދިވެހިބަސް. ދިވެހިބަހަކީ އަނެކާއަށް ފާޅުކޮށްލަން ބޭނުންވާ ޝުޢޫރުތަކާ އިހްސާސްތައް ފާޅުކުރުމުގެ ފުރިހަމަ ޤާބިލުކަން ލިބިގެންވާ ބަހެއް. އެހެންކަމުން މިބަސް ދެކެ އަޅުގަނޑުމެން ފަހުރުވެރިވާންޖެހޭ. މި ބަސް ދެކެ ލޯބިވާން ޖެހޭ. މި ރީތިބަހަށް ޤަދަރުކުރަންޖެހޭ.
އާދެ! މިއަދު އަޅުގަނޑު ވާހަކަދައްކަން ހަމަޖެހިފައި މައުޟޫއަކީ ދިވެހިބަސް ދެކެ ލޯބިވަނީ.. އަޅުގަނޑު ދިވެހިބަސް ދެކެ ލޯބިވަނީ އެންމެ ސަބަބެއް ދެ ސަބަބެއް އޮވެގެންނެއް ނޫން އިނގޭތޯ. އެތައް ބައިވަރު ސަބަބުތަކެއްހުރެގެން.
އަޅުގަނޑު އެންމެ ފުރަތަމަވެސް ބުނެލަން ބޭނުންވާ ވާހަކައަކީ، އެއީ އަޅުގަނޑު ދިވެހިބަސް ދެކެ ލޯބިވަނީ މިއީ އަޅުގަނޑުގެ ލޮބުވެތި މާދަރީބަސް ކަމަށް ވާތީ. އެންމެ ތުއްތު އިރުންސުރެން ފެށިގެންވެސް އަދާ ހައަމައަށްވެސް އަޅުގަނޑު ވާހަކަދައްކަމުން އައި ބަސް ކަމަށްވާތީ. މާހައުލުން އެހެން ހުންނަ ބަސްކަމަށް ވާތީ. އެންމެ ކުޑައިރު މަންމަގެ އުނގުގާ އޮތްއިރު މަންމަގެ ދުލުން ލޯބިވާ ދަރިފުޅާއޭ ބުނެލީވެސް ހަމަ މި ދިވެހިބަހުން. އެހެންމީހެއްއައިސް ހައި ކިޑް އޭ ބުނުމާ. އަޅުގަނޑުގެ މަންމަ އައިސް ދަރިފުޅާއޭ ކިޔާފަ ގޮވާލުމުން ހާދަ ތަފާތޭ. ދިވެހިބަހުގެ ހާދަ އަސަރު ގަދައޭ.
އާދެ! އަޅުގަނޑު ދިވެހިބަސް ދެކެ ލޯބިވަނީ މީ އަޅުގަނޑު ވާހަކަދައްކާ އުޅޭ ބަސްކަމަށް ވާތީ.
އަޅުގަނޑު ދެކޭ ގޮތުގައި ދިވެހި ބަހަކީ އަޅުގަނޑުމެން ދިވެހިންގެ ކާބަފައިން ދިވެހިންގެ އަތްމައްޗަށް ދޫކުރައްވާފައިވާ އަގުހުރި އަމާނާތެއް. ވަރަށް ބޮޑު ޝަރަފަކާ ފަހުރެއް. އެހެންކަމުން މިއަމާނާތް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަކީ މިއަދު ކޮންބައެއް ޒިންމާއެއްތޯ؟ އެއްވެސް ޝައްކެތް ނެތް. އެއީ އަޅުގަނޑުމެން ދިވެހިންގެ ޒިންމާއެއް. އަޅުގަނޑު ދިވެހިބަސް ދެކެ ލޯބިވަނީ މީ އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނަށް ދޫކުރައްވާފައިވާ އަގުހުރި ތަރިކައަކަށް ވާތީ.
އާދެ! ދަންނަވަންތޯ. ވޭލްސް ބަހުގެ ހަރުބަހެއްގާ ވާގޮތުން، ބަހެއް ނެތް ގައުމަކީ ހިތެއްވެސް ނެތް ގައުމެއް. އަޅުގަނޑުމެން ދިވެހިންނަށް މާދަރީ ބަހެއް ލިބިފަވޭ. ހިތެއް ލިބިފަ ވޭ. މީ އަޅުގަނޑުމެންގެ ރޫހު. މި ރޫހު ދިރުވާ އާލާ ކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. މިބަސް ރައްކާތެރިކުރުމަށް މަސައްކަތް ކުރަންޖެހޭ. އެހެނީ ދިވެހިބަހަކީ މި ޤައުމުގެ ޤައުމިއްޔަތުގެ މައިގަނޑު އެއް އަސާސް. އަޅުގަނޑު ދިވެހިބަސް ދެކެ ލޯބިވަނީ މިފަދަ ސަބަބުތަކާހުރެ.
އާދެ! ދިވެހިބަހަކީ ވަރަށް ވެސް މުއްސަނދި ފުދުންތެރި ބަހެއް. އަޅުގަނޑުމެން ވަށައިގެންފެންނަ މާހައުލުން ފެންނަ ހުރިހާ އެއްޗަކަށް ކިޔާނެ ނަމާ ކަމާ ކަންއިތުރާ ނަންއިތުރާ މަސްދަރަށް ދަންދެން ދިވެހިބަހުގާ އެކުލެވޭ. ނިކަން ވިސްނަވާ! ދިވެއްސަކު ދިވެހި ރުކެއްގެ ދަށުގަ ހުރެ މަތި ބަލާލުމުން ކުރުނބަލާ ކާއްޓާ ގަބުޅިޔާ ގޮބޮޅިއާ ފެންނާނެ. ނަމަވެސް އިނގިރޭސިޔަކު ރުކެއްގެ ދަށުގަ ހުރީމަ ފެންނާނީ ކޯންޗެއްތޯ؟ ހަމައެކަނި ކޮކްނަޓް. އެހެންކަމުން އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑު ލޯބިވަނީ ދިވެހިބަސް މުއްސަނދި ވުމުުންނޭ. ދިވެހިބަހުގާ ތަފާތު ދަރަޖަތައް އެކުލެވިގެންވޭ. ތަފާތު ބަހުރުވަތައް އެކުލެވިގެންވޭ. ޅެންވެރިކަމާ ލިޔުންތެރިކަމުގެ މައްޗަށް ބިނާވެފަ އޮތް އަސަރުގަދަ އަދަބިއްޔާތެއް އެކުލެވިގެންވޭ.
އާދެ! ދިވެހިބަހަކީ ވަރަށްވެސް އަސަރުގަދަ ބަހެއް. ދިވެހިބަހުގާ ތަފާތު އަސަރުގަދަ ލަފުޒުތައް ހިމެނޭ. އޭގެތެރޭން އަޅުގަނޑު ދަންނަވާލާނީ ހަމަ އެންމެ ލަފުޒެއްގެ ވާހަކަ. ވަރަށް ކުޑަކުޑަ ވަރަށް އާއްމު ލަފުޒެއްގެ ވާހަކަ. އިނގޭ! ކޮން ބަހެއްތޯ؟ އާދެ! އިނގޭ. ކޮންމެ މާނައެއް ދޭހަވި ޖުމުލައެއްގާ ވެސް އަޅުގަނޑުމެން ބޭނުންކުރަމުން އައި ބަހެއް. ރުޅިއައިސް ހުންނަ ވަގުތު ދެން މިގެއަށް ނުވަންނާތި އިނގޭ! ބުނާ ބުނުމާ. ރައްޓެއްސެއްގެ ގާތުގާ މިރޭ އަންނާނަން އިނގޭ ބުނާ ބުނުމާ ، މަންމައެއް ދަރިފުޅު ގާތުގާ ދަރިފުޅާ މިއޮތީ މަންމަ ދިން ހެދުމެއް އިނގޭ. ބުނާ ބުނުމާ ހާދަ ތަފާތޭ.
އާދެ! ދިވެހިބަހުގާ 'އިނގޭ' މި ބަސް ނޫނަސް، މި ލަފުޒު ނޫނަސް ވަރަށް ފުން މާނަތަކެއް އެކުލެވޭ ލަފުޒުތައް އެކުލެވިގެންވޭ. އަޅުގަނޑު ދިވެހިބަސް ދެކެ ލޯބިވަނީ މިފަދަ ސަބަބުތަކާ ހުރެ.
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުންވެސް، އަޅުގަނޑު ދަންނަވާލަން އޮތީ ދިވެހިބަހަށް ހިދުމަތްކުރުމުގައި ދެމިތިބޭށޭ.
އަޅުގަނޑު ދަންނަވާލާނީ ….
އަސަރަކާ އަދި ފޮނިކަމެއް އެކި ބަސްބަހުން ހަމަ ފެނުނަކަސް
އަސަރުގަދަ އަދި އެންމެ ފޮނިބަހަކީ މަށަށް މި ދިވެހިބަސް
ވައްސަލާމް އަލައިކުމް ވަރަހްމަތުﷲ ވަބަރަކާތު.
﷽
ހަމްދާއި ޝުކުުރުކުރަނީ ޢާލަމްތަކުގެ ވެރި ﷲ ސުބުހާނަހޫ ވަތައާލާއަށް. ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާ ކުރަނީ މިއުއްމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމައަށް. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭފާނުގެ އާލުންނާއި އަސްހާބުން ޝާމިލުކުރަން.
މޯލްޑިވްސް ކޮލްޖް އޮފް ހަޔަރ އެޑިޔުކޭޝަންގެ އިސްވެރިން. އިއްޒަތްތެރި ފަނޑިޔާރުން. ވަޑައިގެން ތިއްބެވި އެންމެހާ ހާޒިރީން. ލޮބުވެތި މުދައްރިސުނާ ބެލެނިވެރިން. އަދި އަޅުގަނޑެކޭ އެއްފަދަ ކިޔަވާކުދިން.
އައްސަލާމް އަލައިކުމް ވަރަހްމަތުﷲ ވަބަރަކާތު.
އާދެ! ދުވާ ނުބައިވަހުން ކެތެއް ނުކުރެވިގެން އެންމެ ފަހުން ހޮޑުލަމުން ލަމުން ލަމުން ދުވަމުން، މަގުމަތީގަ ތެޅިފޮޅެމުން އަޅުގަނޑު ދިޔާ. ކީއްވެގެންތޯ؟
އަޅާލި ގޯޅިއެއްގަ ހުރި ފިސާރި ބޮޑު ކޮތަޅެއްގެ ސަބަބުން.
އާދެ! ދަންނަވަން މިއުޅޭ އެއްޗަކީ..
އާދެ! މިއަދު އަޅުގަނޑު ވާހަކަދައްކަން ހަމަޖެހިފައިވާ މައުޞޫއަކީ .. މަގު މައްޗަށް ކުނި ނޭޅުން.
އާދެ! މަގުމައްޗަށް ކުނިއެޅުމަކީ އަދަބާ ހިލާފުކަމެއް. އަޅުގަނޑުމެން އެބަޖެހޭ މަގުމަތީގެ އަދަބުތަކަށް ހުރުމަތްތެރިކޮށް ހިތަން. ނޫންނަމަ އަޅުގަނޑުމެންނަށް ދިމާވެދާނެ ވަރަށް ނޭދެވޭ ކަންތައްތަކެއް ހުންނާނެ.